ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް ހެލްތުން ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން ލަފާދެއްވާފައިވާއިރު، ޒުވާންޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކޮށްފައިވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރައްވައި އެ ގޮތްތަކުގެ ތެރެއިން ގޮތެއް އިޚުތިޔާރުކުރެއްވުމަށް ޕޯލްގައި ވަނީ އެދިވަޑައިގެންފައެވެ.
ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް:
1. 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
2. 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
3. 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ ޙިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ވާތީ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް