އައްޑޫސިޓީ ގަން އެއާޕޯޓް މަޝްރޫޢުގެ ސްކޯޕަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން، އެ ނިންމުން އަލުން މުރާޖަޢާ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އައްޑޫ ސިޓީ ގަން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި، އެ ބިން ކޮންޓްރެކްޓަރާ ޙަވާލުނުކުރެވުމުގެ ސަބަބުން، ކޮންޓްރެކްޓަރަށް ބަދަލު ދޭންޖެހިދާނެތީ، ހަދަމުންދާ މަގު ވަކި ހިސާބަކުން ހުއްޓާލުމަށް ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގަން އެއާޕޯޓް މަޝްރޫޢަކީ މުޅި ދެކުނުގެ އަތޮޅުތައް ބައިނަލްއަޤްވާމީ އުދުހުންތަކާ ގުޅުވައިދީ، އައްޑޫ އަދި ދެކުނުގެ އެންމެހައި އަތޮޅުތަކުގެ ޓޫރިޒަމާއި އިޤްތިޞާދު ކުރިއެރުވުމަށް ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތްތަކުގެ ފޮނި ނަތީޖާއެއް ކަމަށާއި، އައްޑޫގެ ތަރައްޤީގެ މައި ނާރެހަކީ ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުކަމަށެވެ.
އަދި އެކަމަކީ އެ ސިޓީގެ އެންމެހައި ލޮބުވެތި ރައްޔިތުން ވެސް ޤަބޫލުކުރާނެކަމެއްކަމަށާއި، މިކަމަކީ ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ސުލްޙަވެރިކޮށް ވާހަކަ ދައްކައިގެން ޙައްލު ކުރެވެން އޮތް ކުޑަ މައްސަލައެއްކަމަށާއި މިކަން ޙައްލުނުކުރެވުމަކީ ނުހަނު ހިތާމަހުރި ކަމެއްކަމަށެވެ.
މީގެ އިތުރުން، ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުންޏާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއްނެތި މިފަދަ ނިންމުމެއް ނިންމުމަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި، އަދި މުޅި ދެކުނުގެ ރައްޔިތުންގެ ޙައްޤު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް