ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ހަދަމުންދާ އިތުރު ލިފްޓްތަކުގެ ތެރެއިން ބައެއް ޓަވަރުތަކުގެ ލިފްޓް ބަހައްޓާ ނިންމައި، ޓެސްޓް ކުރަން ފަށައިފިކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު އިބްރާހިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާ ޓަވަރުތަކުގައި ހަދާ އިތުރު ލިފްޓްތަކުގެ ޓެސްޓިން މަރުހަލާ މިއަދު ފަށާފައިވާކަމަށެވެ. އަދި އެބޭފުޅާ ވަނީ ހިޔާގެ ޓަވަރެއްގައި އާ ލިފްޓް ބަހައްޓައި، ޓެސްޓް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ.
ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ލިފްޓު ތޮއްޖެހުމުގެ މައްސަލައަށް މި މަޝްރޫޢުގެ ސަބަބުން ހައްލު ލިބިގެންދާނެކަމަށާއި މިއީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެއް ފުއްދިގެން ދިޔުން ކަމުގައިވެސް އެބޭފުޅާ ވިދާޅުވިއެވެ.
މިއީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެޗްޑީސީން ކުރިން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުއަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ހިޔާގެ ހުރިހާ ޓަވަރެއްގައި ޖުމްލަ 32 ލިފްޓް ހަރުކުރެވޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ހާމަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް