އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 150 ވަނަ އެސެމްބްލީގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ތަޤްރީރުކުރައްވައިފިއެވެ.
އައި.ޕީ.ޔޫ.ގެ މިފަހަރުގެ އެސެމްބްލީގެ މައުޟޫޢު ކަމަށްވާ "އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢަށް މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަމުން، ޤާނޫނު ހެދުމާއި، ޤާނޫނާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމާއި އަދި ސިޔާސީ އިޚުތިޔާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މަޖިލިސްތަކުގެ ދައުރަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ޖެންޑަރ އިކުއަލިޓީ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤާނޫނު ހިމެނޭ ގޮތަށް އިޖުތިމާޢީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުހިންމު ޤާނޫނުތައް ފާހަގަކުރައްވާފައެވެ. އަދި، މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް މި ޤާނޫނުތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަމާނީ ފެންވަރެއްގައި އެހީ ދިނުމުގެ ކަންކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެގޮތް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލިއަޅުވާލެއްވިއެވެ.
އެމަނިކުފާނުގެ ތަޤުރީރުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިޤްތިޞާދީ ބާރުވެރިކަން ކުރިއަރުވައި، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަނީ، އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނާއި ތަމްރީނުގެ ޕްރޮގްރާމްތައްވެސް ފާހަގަކުރައްވާފައެވެ. އަދި، ޑިޖިޓަލް ޓެކްނޮލޮޖީގެ ގޮންޖެހުންތަކާއި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން، ޑިޖިޓަލް ޒަމާނުގައި އެއްވެސް މީހަކު ފަހަތަށް ނުޖެހޭނެ ގޮތް ހެދުމަށްޓަކައި، އައިސީޓީ، ޑިޖިޓަލް އިންކްލޫޝަން، އަދި އީ-ގަވަރނަންސްއަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނުގެ ތަޤްރީރު ނިންމަވާލައްވަމުން، އެއްބައިވަންތަކަމާއި މަޝްވަރާއާއި ސިޔާސީ ޢަޒުމް އާކުރުމަށް ގޮވާލައްވައި، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، ކަރާމާތްތެރިކަމާއެކީ ދުނިޔޭގެ ސިޔާސަތު ކަނޑައެޅުމަށް ޤާނޫނު ހަދާ މަޖިލިސްތަކަށް އިލްތިމާސްކުރެއްވިއެވެ.
އަދި، ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ޙާލަތާމެދު ދިވެހިރާއްޖޭގެ ކަންބޮޑުވުން ފާޅުކުރައްވައި، އެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ދެމެހެއްޓުމަށް ބައިނަލްއަޤްވާމީގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް