3000 ވުރެ ގިނަ ދަރިވަރުން އަތޮޅުތަކުން މާލޭގެ ސުކޫލްތަކަށް މިފަހަރު ބަދަލުވެއްޖެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝާފީޢު ވިދާޅުވީ އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ޖާގަހޯދުމަށް އެދޭ ކޮންމެ ކުއްޖަކަށް ސަރުކާރުގެ ސްކޫލުން ޖާގަދެމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އެކަމަށް ވަކި އުޞޫލެއް ނުގެންގުޅުއްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު މިހާރު މާލޭގެ ސްކޫލްތަކަށް ބަދަލުވާ ދަރިވަރުންގެ އަދަދު އިތުރުކަމަށާއި މިދިޔަ އަހަރު 1100 އެއްހާ ދަރިވަރުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދިފައިވާއިރު މިއަހަރު ތިން ހާހަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ.
ފާއިތުވެދިޔަ ދިހަ އަހަރަށް ބަލާއިރު އެވްރެޖްކޮށް 800 ސަތޭކައާއި 1000 ދެމެދުގެ އަދަދަކަށް ދަރިވަރުން މާލޭގެ ސުކޫލްތަކަށް ބަދަލުވަމުން އަންނަކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ބަދަލުވާން އެދޭ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ދޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް މިކަމުގައި ގޮންޖެހުން އެބަހުރިކަމަށާއި އެގޮތުން މީގެ ސަބަބުން އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތަށް ގޮންޖެހުން ކުރިމަތިވާކަމަށެވެ.
މީގެ އިތުރުން، ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް 90،000 އެއްހާ ކުދިން ދިރާސީ އައު އަހަރުގައި މިއަދު ކިޔަވާނެ ކަމަށާއި އެ ކުދިންނަށް ކިޔަވައިދިނުމަށް 11،000 އެއްހާ ޓީޗަރުން މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް