ގއ. ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިއީ ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި މަހު 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި އޮޕަރޭޝަނުގައި، އެ ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 231 ގްރާމް ކަމަށް ފުލުހުން މައުލޫމާދެއެވެ.
މި މައްސަލަ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާއިރު މައްސަލައާގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއްނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް