ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާފަދަ މަޝްރޫޢުތަކެއް ތަންފީޛުކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ތަރައްޤީ އާއި ސުލްޙަ ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރާ ގުޅޭ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
— Dr Mohamed Muizzu (@MMuizzu) April 6, 2025
އެއްބައިވަންތަކަމާއި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ތަރައްޤީއާއި ޞުލްޙަވެރިކަމުގެ ކުޅިވަރުދުވަހުގެ މުނާސަބަތުގައި، ކުޅިވަރުގެ ޓްރާންސްފޯމޭޓިވް ޕަވަރގެ ބޭނުން ހިފައި، ބާރުވެރިކުރުވުމާއި، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވަމުން އެމަނިކުފާނު ވިދާޅުވީ، ކުޅިވަރު ތަރައްޤީ ކުރެއްވުމަށްޓަކައި ކުރިއަށް އޮތް 20 އަހަރަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލެއްވުމުގެ މަސައްކަތް މިހާރު ކުރައްވާކަމަށެވެ.
މި ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުޞަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެވޭނެއެވެ. އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެއެވެ.
މިއަހަރުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ލެވެލިންގ ދަ ޕްލެއިންގ ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" ގައި އިޝާރާތްކުރާ އިޖުތިމާޢީ ބައިވެރިވުމަކީ، ކުޅިވަރުކުޅުމުގެ ފުރުޞަތުތައް ލިބުމުގައި، މީހާގެ ޢުމުރަކަށް، ނަޞްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުޞަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަޞައްވުރާ އެއްގޮތް ޝިޢާރެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ހަމައެއާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން، ޖޯގްރަފީގެ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ކަސްރަތުކުރުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދެވޭނެކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރުކުރަން ބާރު ލިބި، އިޖުތިމާޢީ ގުޅުންތައްވެސް ހަރުދަނާވުމަށް، މިކަމުން މަގުފަހިވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރުކުޅުމަށް ހަމަހަމަ ކަމާއެކު ފުރުޞަތު ފަހިކޮށްދީގެން، އިޖުތިމާޢީ ފޭރާންވެސް ރަނގަޅުކުރެވޭނޭކަމަށާއި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، އިޖުތިމާޢީ ތަފާތުތައް ނައްތާލުމުގެ ލާސާނީ ޤާބިލުކަމެއް ކުޅިވަރަށް ލިބިފައިވާކަމަށެވެ. އަދި ކުޅިވަރު މެދުވެރިކޮށް ޤައުމީ ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް