ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން އިިންތިޒާމްކޮށްގެން ބާއްވާ މިލަންދޫ ކައުންސިލް ކަޕްގައި ރޭ 3 މެޗު ވަނީ ކުޅެފައެވެ.
ރޭ ފުރަތަމަ ކުޅުނީ ވޮލްކޯ ޔުނައިޓެޑާއި އީގަލްސްއެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ވޮލްކޯ ޔުނައިޓެޑެވެ. އަދި މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮލްކޯ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 17، ޢަލީ ޝިޔާހެވެ.
ދެވަނައަށް ކުޅުނު ލިންކް ސްޕޯޓްސް އާއި ކަލާފާނު އެފްސީ މެޗު 11-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިންކް ސްޕޯޓްސް އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 10، އަޔާޒު އަޙްމަދެވެ.
ފަހު މެޗުގައި އީގަލްސް އާއި ޑޮމިނޭޓާސް ބައްދަލުކޮށް ވާދަވެރި ކުޅުމަކަށްފަހު، 3-3 ގެ ނަތީޖާއިން ދެ ޓީމުވެސް އެއްވަރުވީއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިކްސްޕެކް އެސްސީގެ ޖާޒީ ނަންބަރު 2، މުޙައްމަދު އަރީފެވެ.
މި މުބާރާތުގެ ލީގު މެޗުތަކުގެ އެންމެ ފަހު ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭއެވެ. ދެން ކުރިއަށްދާނީ ސެމީފައިނަލް މެޗުތަކެވެ.
މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ބެލުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު ވަނީ މިލަންދޫއަށް ޒިޔާރަތްކޮށްފައެވެ.
މި މުބާރާތުގައި ކުޅޭ މެޗުތައް މިލަންދޫ ކައުންސިލްގެ ރަސްމީ ޔޫޓިއުބް ޗެނަލުން ދަނީ ލައިވްކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް