ކުރިއަށް އޮތް 2 ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަށް އެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އޭޕްރީލް 4 އަދި 5 ވަނަ ދުވަހު ގިނަ އަދަދެއްގެ ޢުމްރާވެރިންނާއި، ފިޠުރު ޢީދުގެ ޗުއްޓީއާ ގުޅިގެން ވީއައިއޭ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން މި ދެ ދުވަހު ވީއައިއޭ އަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން، ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގަވާފައިވެއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވި ގޮތުގައި އެއާޕޯޓުގެ މަގުތަކާއި ގިމަތަ ސަރަހައްދުތަކުގައި މާދަމާ ޓްރެފިކް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ޢުމްރާވެރިންގެ ފުލައިޓުތައް ޖެއްސުމަށް ތާވަލުކުރެވިފައިވަނީ މާދަމާ 14:00 އާއި 16:00 އާ ދެމެދުގައެވެ.
އެހެންކަމުން މާދަމާ ދަތުރުކުރާ ހުރިހާ ފަރާތްތަކުން މަދުވެގެން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށާއި، ޗެކް-އިން ކުރުމަށާއި ސެކިއުރިޓީ ޗެކަށް އިތުރު ވަގުތު ދިނުމަށް އެމްއޭސީއެލްއިން އެދިވަޑައިގެންފައިވެއެވެ. އަދި އެއާޕޯޓުގެ ވަށައިގެން ޓްރެފިކް ފަސޭހަކަމާއެކު ދައުރުކުރުމަށްޓަކައި ޓެކްސީ ސެންޓަރުތަކުންނާއި ޑްރައިވަރުންވެސް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައިވެއެވެ.
އެމްއޭސީއެލްއިން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވުމަށް އެ ކުންފުނީގެ މުވައްޒަފުން ގްރައުންޑުގައި ހަރަކާތްތެރިވަމުންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް