އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުގެ ކެމްޕޭން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިވަޕޫލް ފުޓްބޯލް ކްލަބާއި އެމް.އެމް.ޕީ.އާރު.ސީ ގުޅިގެން ހިންގާ ކެމްޕޭނެކެވެ.
މި ދަތުރުފުޅުގައި ރައީސް، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތަމްރީނާއި ކޯޗިންގް ހިންގާ ގޮތް ބައްލަވާނެއެވެ. މިއީ ރާއްޖޭގައިވެސް މިފަދަ މަތީ ފެންވަރުގެ ތަމްރީނު ޕްރޮގްރާމްތައް ތަޢާރަފުކުރުމަށް މަގުފަހިކުރެއްވުމުގެ މަޤްޞަދުގައި ކުރައްވާ މަސައްކަތެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދަތުރުފުޅުގެ ތެރޭގައި ލީޑްސް ޔުނިވަރސިޓީއާއި ލީޑްސް ޓައުން ހޯލަށް ވަޑައިގެން، ލީޑްސް ސިޓީގެ ކައުންސިލާއި ބައްދަލުކުރެއްވުން ހިމެނެއެވެ. އަދި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން، ރެޑް ވޭއާއި އެލް.އެފް.ސީ އެކަޑަމީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި ލިވަޕޫލް އެފް.ސީއާއެކު އޮތް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާނެއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މި ދަތުރުފުޅު ނިންމަވައި، އޭޕްރިލް 5 ވާ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހީމް، ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު، އަދި އެމް.އެމް.ޕީ.އާރު.ސީގެ އެމް.ޑީ އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ އެހެން އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް