ހަވާ އެރުވުމާއި އެކު ކުރިއަށް ދިޔަ ކުލަގަދަ ރަސްމިއްޔާތަކާއި އެކު މިލަންދޫ ކައުންސިލް ކަޕް ފަށައިފިއެވެ.
މި މުބާރާތް ކުރިއަށްދާނީ އޭޕްރީލް 10 އާ ހަމައަށެވެ. މުބާރާތުގައި 7 ޓީމެއް ބައިވެރިވެފައިވާއިރު، ޖުމްލަ 24 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ދިވެހިރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިން ވާދަކުރާނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުނީ ސިކްސްޕެކް އެސްސީ އާއި އީގަލްސް އެވެ. މި މެޗުން އީގަލްސް ވަނީ 4-1 އިން މޮޅުވެފައެވެ. އީގަލްސްގެ ޖާރޒީ ނަންބަރު 13، ޖުމައިލް ޖަމީލް ވަނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. ދެވަނަ މެޗުގައި ޑޮމިނޭޓާސް އާއި ދަރަކަން އެފްސީ ބައްދަލުކުރިއިރު، 6-2 އިން މޮޅުވީ ދަރަކަން އެފްސީއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ދަރަކަންގެ ޖާރޒީ ނަންބަރު 19، ހުސެއިން އަބްސަލްއެވެ.
ތިން ވަނަ މެޗުގައި ޗެމްޕިއަންކަން ދިފާއުކުރާ ވޯލްކޯ ޔުނައިޓެޑް ވަނީ އެ ޓީމުގެ ފުރަތަމަ މެޗް 3-1 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ވޯލްކޯ ޔުނައިޓެޑްގެ ޖާރޒީ ނަންބަރު 17، އަލީ ޝިޔާޙްއެވެ. މާދަމާ ރޭ ކުޅޭ މެޗުތަކުގައި ވޯލްކޯ ޔުނައިޓެޑާއި ޑޮމިނޭޓަރސް، ދަރަކަން އެފްސީ އާއި ސިކްސްޕެކް ސްޕޯޓްސް ކްލަބް، އަދި އީގަލްސް އާއި ލިންކް ސްޕޯޓްސް ބައްދަލުކުރާނެއެވެ.
ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ބެލުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ ބަޔަކު މިލަންދޫއަށް ޒިޔާރަތްކޮށްފައިވެއެވެ. މުބާރާތުގެ ހުރިހާ މެޗެއް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް ދައްކާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް