އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ އެންމެ މަގުބޫލު އެއް ޚިދުމަތް ކަމުގައިވާ "ހައްޖު އަދި އުމްރާ ތަކާފުލް" ޕްލޭންގެ އަގަށް 50 އިންސައްތައިގެ ބޮޑު ލުޔެއް ގެނެސްފިއެވެ.
މި ބަދަލާ ގުޅިގެން، މިހާރު ކޮންމެ ހައްޖު އަދި އުމްރާވެރިއަކަށް ވެސް 300 ރުފިޔާއަށް އެ ޕްލޭން ބައްލަވައިގަނެވޭނެ ކަމަށް އަޔާދީ ތަކާފުލްއިން މަޢުލޫމާތު ދީފައިވެއެވެ. ކުރިން ހައްޖު ތަކާފުލް ޕްލޭންގެ އަގު ހުރީ 750 ރުފިޔާގައި ކަމަށާއި، އުމްރާ ތަކާފުލް ޕްލޭންގެ އަގު ހުރީ 550 ރުފިޔާގައި ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
އަޔާދީ ތަކާފުލްއިން ބުނާ ގޮތުގައި، ވޭތުވެދިޔަ 11 އަހަރު ވެސް ކުންފުނީގެ މައިގަނޑު އަމާޒަކަށްވެފައިވަނީ "ރައްޔިތުންނަށް އަތްފޯރާފަށުގައި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ، އިސްލާމީ ޝަރީއަތާ ރައްޓެހި އިންޝުއަރަންސް ނިޒާމެއް ގާއިމްކުރުން" ކަމަށެވެ. މި އަގުހެޔޮ ކުރުމަކީ އެ އަމާޒާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މި ޚިދުމަތް ފަސޭހަކަމާއެކު ލިބިގަތުމަށްޓަކައި، ބީއެމްއެލްއިން ހައްޖާއި އުމްރާވެރިންނަށް ޑޮލަރު ދޫކުރަމުންދާ، ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާގައި ޚާއްޞަ ކައުންޓަރެއް ޤާއިމުކޮށްފައިވާ ކަމަށް އަޔާދީ ތަކާފުލްއިން ބުނެފައިވެއެވެ. މިއަދު މި ޚިދުމަތް ލިބެން ހުންނާނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ. އަދި މާދަމާއިން ފެށިގެން 13 މާޗްގެ ނިޔަލަށް މި ޚިދުމަތް ލިބޭނީ ހެނދުނު 9:00 އިން 11:30 އަށެވެ.
މީގެއިތުރުން، އެލައިޑް ޕޯޓަލް އަދި އެލައިޑް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ޕްލޭން ވަގުތުން ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އަޔާދީ ތަކާފުލްއިން މަޢުލޫމާތު ދީފައިވެއެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް