ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ޕީއެންސީގެ ގިނަ މެންބަރުންތަކެއް ބައިވެރިނުވި ކަމަށް ބުނެ ފެތުރެމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ނެގި ވޯޓުގައި ޕީއެންސީގެ 9 މެންބަރަކު ބައިވެރިނުވި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
"ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވި 11 މެންބަރުންގެ ތެރެއިން 9 މެންބަރުން މިވަގުތު އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި މާލެއިން ބޭރުގައި،" ފަލާހު ވިދާޅުވިއެވެ. އަދި ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ 2 މެންބަރުން ތިބިކަމަށާއި، އެކަން އެގޮތަށް ދިމާވި ސަބަބު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރޝިޕުން މިހާރު ބަލަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ހުށަހެޅި އިސްލާހު ވަނީ 64 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް