ދ. ހުޅުދެލީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކޮށް، އެމަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި، ހުޅުދެލީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހީމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވަނީ ތިމާވެއްޓާ ރައްޓެހި އަދި ވަށާޖެހޭ ގޮތަކަށް ކުނި މެނޭޖުކުރުމުގެ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފައިވުމާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުނީގެ ޚިދުމަތް ދިނުމަށް ވެމްކޯއާ ޙަވާލުކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
ވެމްކޯއިން މިހާރު ވަނީ ރާއްޖޭގެ ސިޓީތަކުގެ އިތުރުން ލ. ފޮނަދޫ، ކ. މާފުށި އަދި ކ. ހިންމަފުށީގައިވެސް ކުނި މެނޭޖްކުރުމުގެ ޙިދުމަތް ފަށާފައެވެ. އަދި ދާދިފަހުން ހއ. ދިއްދޫގައިވެސް ވެމްކޯގެ ޚިދުމަތް ފެށިފައިވާއިރު، އިތުރު ރަށްރަށުގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް