ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ އައު މިސްކިތެއް އެޅުމުގެ މަސައްކަތް އެންމެ ލަސްވެގެން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައިވަނީ ނިލަންދެ އަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރިނބުދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ. މި މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ 2025 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިންނެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "މި ރަށުގައި ހުރި މިސްކިތަކީ 1992 ވަނަ އަހަރު އަޅާފައި ހުރި މިސްކިތެއް ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވި. އެހާ ދުވަސްވީއިރުވެސް ރަށުގައި މިހުރީ އިތުރު މިސްކިތެއް ނޭޅި" ކަމަށެވެ.
އަދި ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ފަޚުރުވެރި މުސްލިމުން ކަމަށްވާއިރު، ރަށްރަށުގައި އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތްތައް އެޅިފައި ހުންނަންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މިހާރު ރިނބުދޫގައި ހުރި މިސްކިތަކީ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިސްކިތެއް ކަމަށްވާއިރު، އައު މިސްކިތް އެޅުމުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް