މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ސިންގަޕޫރު އެއާލައިންސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް، އިޝްތިހާރުކުރުމަށް ޗައިނާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
މި މަހުގެ 18 އިން 23 އަށް ކުރި މި ދަތުރުގައި، ނޫސްވެރިންގެ ޓީމުން ވަނީ ޕުލްމަން މޯލްޑިވްސް މާމުތާ ރިސޯޓު އަދި ދަ ސްޓޭންޑާޑް ހުރަވަޅި މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްފައެވެ. މިއީ އެމްއެމްޕީއާރުސީއިން މިއަހަރު އިސްނަގައިގެން ބޭއްވި މިފަދަ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ.
އެމްއެމްޕީއާރުސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ފެމިލިއަރައިޒޭޝަން ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ދެވިފައިވެއެވެ. އަދި ޗައިނާގެ މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކާއި، ސޯޝަލް މީޑިއާ ކެމްޕެއިންތަކުގެ އިތުރުން ޕީއާރު އިނީޝިއޭޓިވްތައްވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީން އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުނާރްއާއެކު ޑިޖިޓަލް ކެމްޕޭންއަކާއި ވާޗުއަލް ވެބިނާއެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން، ޗައިނާގެ މާކެޓަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ކެމްޕޭންތަކާއި، މީޑިއާ އަދި ޓްރެވަލް ޓްރޭޑަށް ހާއްސަ ފެމިލިއަރައިޒޭޝަން ދަތުރުތައް ކުރިއަށް ގެންދެވެއެވެ.
އެމްއެމްޕީއާރުސީގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ހިތްގައިމުކަމާއި، ރީތިކަމާއި ތަފާތު ތަޖުރިބާތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ދިވެހިރާއްޖެ ދޭ އަހައްމިއްޔަތުކަން ދައްކުވައިދިނުމަށެވެ. އަދި ރާއްޖެއަކީ ދަތުރުފަތުރުގެ އެންމެ މަޤްބޫލު މަންޒިލުގެ ގޮތުގައި ދެމެހެއްޓުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް