ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދ. ބަނޑިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބަނޑިދޫ ސްކޫލުގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.
މި ބައްދަލުވުމުގައި ރަށުގެ އެންމެ އިސް މުއައްސަސާތަކުން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހިމެނެއެވެ. މިގޮތުން ޞިއްޙީ މަރުކަޒަށް އެކްސްޓެންޝަން އިމާރާތެއް ބޭނުންވާކަން ވަނީ ފާހަގަކުރެވިފައެވެ.
ބަނޑިދޫ ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި، ބިމުގެ ދަތިކަން ހައްލުކުރުމަށް އެދިފައެވެ. އަދި ހަމައެއާއެކު، ކަންނެއްފަރު ރަށް ބަނޑިދޫގެ އިޚްތިޞާޞްގެ ތެރެއަށް ލުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ. މީގެ އިތުރުން، ސްކޫލުގެ ވަސީލަތްތަކާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްވެސް ވަނީ އެދިފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. ނަމަވެސް، ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ޖާގައިގެ ދަތިކަން ދިމާވާކަން ފާހަގަކޮށް، އެކަން ހައްލުކޮށްދިނުމަށް ވަނީ އެދިފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް