ދ. ކުޑަހުވަދޫގައި އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު އިމާރާތުގެ ބިންގާ މިއަދު ހަވީރު އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމްއެވެ.
ރައީސް މުޢިއްޒު ކުޑަހުވަދޫއަށް ވަޑައިގެންނެވީ ދ. އަތޮޅުގެ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ރަށެއްގެ ގޮތުގައެވެ.ެވެ. ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.
ކުޑަހުވަދޫގައި މިހާރުވެސް ބޭންކުގެ ޚިދުމަތް ދެމުން ގެންދެއެވެ. މި އައު އިމާރާތަކީ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިމާރާތްކުރެވޭ ތަނެކެވެ. މީގެ އިތުރުން، ކުޑަހުވަދޫގައި މިއަދު ސެލްފް ސަރވިސް އިތުރު އޭޓީއެމްއެއްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭންކުގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ ޚިދުމަތް ފެށުމަށް ނިންމަވާފައެވެ.
މި އައު އިމާރާތުގެ ބިންގާ އެޅުމާއެކު، ކުޑަހުވަދޫގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކަކާއި ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައި ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް