މިއަހަރުގެ ރަމަޟާން މަހާއި ހޫނު މޫސުމާ ދިމާވާތީ، މާލޭގެ ކަރަންޓް ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭގައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި، ރަމަޟާން މަހު ގޭބީސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި، މިދިޔަ އަހަރުގެ ރަމަޟާން މަހު ޕީކްގައި 114 މެގަވޯޓަށް ކަރަންޓް ބޭނުންކޮށްފައިވާ ިވާ ކަމަށެވެ. އަދި މިއަހަރު އަންދާޒާކުރެވެނީ ޕީކް ގަޑިތަކުގައި 132 މެގަވޯޓަށް ކަރަންޓް ބޭނުންކުރާ މިންވަރު އަރައިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިވަގުތު ހުޅުމާލޭގައި މިކުރާ މަސައްކަތަކީ ރޯދަމަހާއި ދިމާކޮށް ހޫނު މޫސުންވެސް މިއަންނަނީ އެހެންވީމަ ހޫނު މޫސުމަށް އިތުރު 17 މެގަވޮޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ," ފަހުމީ ވިދާޅުވިއެވެ.
މި މަސައްކަތަށް ބޭނުންވާ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލް މިހާރު ސްޓެލްކޯއަށް ލިބިފައިވާ ކަމަށާއި، ކުރިއަށްއޮތް 8 ވަރަކަށް ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލްކޮށް ޚިދުމަތްދޭން ފެށޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި ރޯދަމަހު ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
ސްޓެލްކޯއިން މި މަސައްކަތުގައި ބަހައްޓަނީ 13 މެގަވޯޓްގެ 2 ޖަނަރޭޓަރެވެ. އަދި ކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން ކަރަންޓް އިޤްތިޞާދުކުރުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ކުރިއަށްއޮތް ރަމަޟާން މަހުގެ ތެރޭގައި ގޭބީސީތަކުން ވަރަށް ބޮޑަށް ކަރަންޓް އިޤްތިޞާދުކުރުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް