ރާއްޖޭގައި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ކޯޓުގައި އެބައޮތް ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ ބައްދަލުވުމެއްގައި ފެމެލީ ކޯޓުގެ ލީގަލް އޮފިސަރ އަޙްމަދު މައުސޫމެވެ.
މި ބައްދަލުވުމުގައި ދެމަފިރިން ވަރިވުމަށްފަހު ދަރިންގެ ޚަރަދަށް ދޭ 2،000 ރުފިޔާ ބޮޑުކޮށްދިނުމަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ދަރިންގެ ޚަރަދަށް ދޭންޖެހޭ ފައިސާ ނުދައްކާ ހުރުމުން ރާއްޖޭގައި ކައިވެނި ނުކޮށްދޭތީ، ބޭރު ޤައުމުތަކަށް ގޮސްގެން ކައިވެނިކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
ފެމިލީ ކޯޓުގެ ލީގަލް އޮފިސަރ އަޙްމަދު މައުސޫމް ވިދާޅުވީ، "އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭ ހާލަތްތަކެއް އެބަހުރި. އެއް އަންހެނަކު ތިން ފިރިން ހުރި މައްސަލައެއް. އެއް އަންހެނެއް ތިން ފިރިން އެބަތިބި. މި ކަހަލަ އިޝޫސް ދިމާވުމަކީ އެކަށީގެންވާ ކަމެއް" ކަމަށެވެ.
މައުސޫމް އިތުރަށް ވިދާޅުވީ މި މައްސަލަ ދިމާވެފައިވަނީ ބޭރު ޤައުމުތަކުގައި ކައިވެނިކޮށް، ފެމިލީ ކޯޓުގައި ރަޖިސްޓްރީޓްރީ ނުކުރުމުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، މުޖުތަމަޢުގައި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.
މައުސޫމް އަދި ވިދާޅުވީ ރާއްޖެއިން ބޭރުގައި ކައިވެނި ކުރަން ބޭނުންވި ނަމަވެސް ފެމިލީ ކޯޓުގެ ހުއްދައެއް ހޯދަންޖެހޭނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް