ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދިޔަ ޓްރާންސްފޯމަޓިވް ލީޑަޝިޕް 'ރާސްތާ ޕްރޮގްރާމު' އިއްޔެ ނިންމައިފިއެވެ. މި ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ދ. ވާނީގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.
އެމްއެންޔޫއިން މަޢުލޫމާތު ދެއްވިގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ އެ ޔުނިވަރސިޓީގެ ދަރިވަރު ލީޑަރުންގެ ލީޑަޝިޕް ހުނަރުތައް ތަރައްޤީކުރުމެވެ. މީގެ އިތުރުން، ޑިސިޕްލިން، ކެތްތެރިކަން އަދި ޓީމްވޯކް ފަދަ މުހިންމު ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރެވުނެވެ.
ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން ވަނީ ޓީމް ބިލްޑިންގ ޗެލެންޖްތަކާއި، ފިޓްނަސް ކަސްރަތުތަކާއި، އަދި ވެލިއު ބޭސްޑް ލާނިންގ ފަދަ އެކި ބާވަތުގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. މި ތަޖުރިބާތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި، ކެތްތެރިކަމާއި އަދި ޒިންމާދާރުކަމުގެ ރޫހު އާލާވެގެން ދިޔަކަމަށް އެމްއެންޔޫއިން ފާހަގަކުރެއްވިއެވެ.
ރާސްތާ ޕްރޮގްރާމު ނިމުމާ ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި، ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދެވުނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް