ޑޮކްޓަރުން ބަލިމީހުންނަށް ބޭސް ސިޓީގައި ލިޔެގެން ފޯރުކޮށްދޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ އާދީއްތަ ދުވަހު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް އާސަންދައިން ލިބެން ނުހުރުމާއި އާސަންދައިން ލިބެން ޖެހޭ ބައެއް ބޭސްތައް ވެސް ފާމަސީތަކުން އާސަންދަ ދަށުން ދޫނުކުރާ ކަމުގެ ޝަކުވާ މި ފަހުން ވަރަށް ބޮޑުވެފައިވާތީއެވެ. މި މައްސަލަ ހައްލުކުރުމަށް ޓަކައި ރައްޔިތުންނަށް މާލީ ތަކުލީފަކަށް ނުވާނެ ގޮތަށް ބޭސް ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބައެއް މަސައްކަތްތައް ފެށުމަށް ކެބިނެޓުން އިއްޔެ ފާސްކޮށްފައިވެއެވެ.
މި ގޮތުން، ބޭސް ސިޓީގައި އާސަންދައިން ލިބޭނެ ބޭސްތައް ހިމެނޭކަން ކަށަވަރުކުރުމަށާއި ލިބެން ހުންނަ ބޭސްތައް ޑޮކްޓަރުންނާއި އާންމުންނަށް އެނގޭނެ ގޮތެއް ހަމަޖެއްސުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
- އެސްޓީއޯއިން ލިބެން ހުރި ބޭސް ފެންނާނެ ގޮތަށް ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
- އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ އެސްޓީއޯއަށް ލިބޭނެ ގޮތް ހަމަޖެއްސުން.
- އިންޕޭޝަންޓުންނަށް ސީދާ ހޮސްޕިޓަލުން، އެސްޓީއޯ މެދުވެރިކޮށް ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން.
އެތެރެކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމްއެފްޑީއޭގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުން.
މީގެ އިތުރުން، ޒަރޫރީ ބޭސްތައް މެދުކެނޑުމެއް ނެތި ބަލިމީހާއަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް ކެބިނެޓުން ނިންމާފައިވެއެވެ. މީގެ ތެރޭގައި މާލޭގައި ގާއިމުކުރުމަށް ނިންމާފައިވާ 4 ޖީޕީ ކްލިނިކްގައި އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޖީޕީ ކްލިނިކްގެ ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުން ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް