އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޑޮލަރުގެ އިތުރު ލިމިޓެއް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 10 ވަނަ ދުވަހު ބީއެމްއެލް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަވައިގެން ހަމަޖެހުނު ކަމެކެވެ. ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން، މި އިތުރު ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ކަމަށާއި، ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަކަށް މި ލިމިޓް ދޫކުރެވޭނެއެވެ.
އުމްރާ ގްރޫޕްތަކާއެކު ދަތުރުކުރާ ފަރާތްތަކަށް މި ކަން އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން، އުމްރާ ގްރޫޕްތަކުން އަމަލުކުރަންވީ ގޮތުގެ ތަފްސީލީ މައުލޫމާތު އެ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށް ބޭންކުން މައުލޫމާތު ދީފައިވެއެވެ. އަދި ވަކިން އުމްރާއަށް ދާ ފަރާތްތަކުން ފުރުމުގެ ފަސް ދުވަސް ކުރިން، ބޭންކު ބަންދު ދުވަސްތައް ނުހިމަނައި، ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓާއި ޓިކެޓްގެ ކޮޕީ ހުށަހެޅުމުން މި ލިމިޓް ހަމަޖައްސައިދެވޭނެއެވެ.
މި އިތުރު 1،500 ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކު ދޫކުރާ 250 ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށާއި، ހުރިހާ އުމްރާވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް