ކުރިއަށް އޮތް ރަމަޟާން މަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ދެއްވައިފިއެވެ. މި ވަގުތު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 3 ޕަސެންޓަށްވުރެ ދަށުގައި ހިފެހެއްޓިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު ރިޕޯޓަކަށް ރިޢާޔަތް ކުރައްވައި ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގު %7 ހުރަސް ކުރާނެ ކަމަށް ވޯލްޑުބޭންކުން ލަފާކޮށް ބުނެފައިވީނަމަވެސް އަދުގެެ ސަރުކާރުން ދުރާލާ އެޅުއްވި ފިޔަވަޅުތައް ވަނީ ކާމިޔާބުވެފައިވާ ކަމަށާއި ރާއްޖޭގައި މިހާރުވެސް އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު 3 އިންސައްތައަށްވުރެ ދަށުގައި މެނޭޖްކުރެވެމުންދާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖްކުރެއްވި ކަމަށާއި އެކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި ކުރެއްވި މަސައްކަތްޕުޅުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަގުތަކާ ގުޅޭގޮތުން ސަރުކާރުން ވަނީ ޚާއްސަ ސިޔާސަތެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ސިޔާސަތުގެ ދަށުން 183 އައިޓަމް ހިމެނޭއިރު، އޭގެ ތެރެއިން 54 ބާވަތް ވަނީ ރަމަޟާން މަހަށް ޚާއްސަކޮށް ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައިކަމަަށެވެ.
"އަގު ބާޒާރުގައި ބޮޑުވެއްޖެނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތު އެއޮތީ އެކުލަވާލާފައި. އެއީ އެއްވާހަކަ. އެއާ ގުޅުންހުރި އަނެއް ވާހަކައަކީ، އެއީ ކިތައް އައިޓަމްތޯ. 183 އައިޓަމްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަަޟާން މަހަށް ޚާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައި،" އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު ސަޢީދުވިދާޅުވިއެވެ.
"އެސްޓީއޯ މެދުވެރިކޮށް ފިޔާ ފަދަ ތަކެތި އަގުހެޔޮކޮށް ގެނައުމަށް މަސައްކަތްކުރާނަން. އެއް ޤައުމަކުން ނުލިބޭނަމަ އެހެން ޤައުމަކުން، އަދި ކަނޑުމަގުން ނުގެނެވޭނަމަ ވައިގެމަގުން ނަމަވެސް ތަކެތި ގެނެސް އަގު ބޮޑުވިޔަ ނުދިނުމަށް މަސައްކަތްކުރާނަން،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވަނީ ވިޔަފާރިވެރިން މިކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ވިޔަފާރިވެރިންނަށް ދަތިތަކެއް ހުރިނަމަ އެކަން ސަރުކާރާ ހިއްސާކުރުމަށްވެސް ގޮވާލައްވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް