މާލެސިޓީގެ މަގުތައް މަތީ ގިނަދުވަސްތަކެއް ވަންދެން ދޫކޮށްލާފައި ހުރި ބާއުޅަނދުތަކާއި، ހަަލާކުވުމުން ޕާކިންޒޯންތަކަށް ދޫކޮށްލާފައި ހުރި ބާވެފައި ބޭކާރުވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަސައްކަތްތަކަކީ ބަރަކާތްތެރި ރަމަޟާން މަހަށް މާލެ ސިޓީ ސާފުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން މިއަދު ހެނދުނު ފަށާފައިވާ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މަގުމަތީގައި ބޭނުންނުކޮށް ބަހައްޓާފައި ހުންނަ ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް މާލެ ސިޓީ ކައުންސިލުން ވަނީފަށާފައެވެ.
މިއަދު ކުރިއަށްދާ ސާފުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި "އީގަލްސް ކޮމިއުނިޓީ- އެންމެން އެކުގައި ސާފުކުރަމާ" ގެ ނަމުގައި މާފަންނު ސާފުކުރުމުގެ ހަރަކާތާއި، "ރޯދަ ސާފު" ގެ ނަމުގައި މާލެ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ހިމެނޭ އިރު މި ދެ ހަރަކާތުގައި ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގެ ދަށުން މާލޭގެ ފަސް ސަރަހައްދެއް ސާފުކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން، ހުޅުލެ ސާފުކުރުމުގެ މަސައްކަތް އެމްއޭސީއެލްގެ ފަރާތުން ކުރިއަށް ގެންދާކަން ވެސް ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް