މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 5.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 48.5 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 3.5 މިލިޔަން ރުފިޔާއެވެ. އަދި 2023 ވަނަ އަހަރު މުޅި އަހަރު ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 90.2 މިލިޔަން ރުފިޔާއެވެ. ނަމަވެސް 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިޔަން ރުފިޔާ ލިބި، މިއީ ރާއްޖޭގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ބޮޑު އަދަދު ކަމުގައި ވެފައިވެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބު 8،800.05 ރުފިޔާއަށް ކަނޑައަޅާފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަނޑައެޅި 9،240.35 ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.
ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ރިހީގެ އަގު ކަނޑައެޅުމުން، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި ނިޞާބުގެ މިންވަރު އިޢުލާން ކުރެއެވެ. ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރަށް ބަދަލު އާދެއެވެ.
2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ. ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގައި ނިޞާބު ހަމަވެ، އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ، ހިޖްރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް