މާލެ ތެރޭގައި މާރާމާރީ ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ ގޭންގެއްގެ އިސް މީހަކު މެލޭޝިއާ އިން ހައްޔަރުކޮށް މިއަދު ރާއްޖެ ގެނެސްފި އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މާރާމާރީގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން ހޯދަމުން ދިޔައީ ވައިކަންމަތި ގޭންގަށް ނިސްބަތްވާ ފުވައްމުލަކު/ދިގުނވާޑު، ބަނަފްސާގެ ހުސެއިން އަރީޝް (ނޮޑީ) (31 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގެ އެއާޕޯޓުން މެލޭޝިއާގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އެނގިފައިވާ ގޮތުގައި ނޮޑީ މެލޭޝިއާ އަށް ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. މެލޭޝިއާއިން އޭނާ ރާއްޖެ ގެނެސްފައިވަނީ އެއާ އޭޝިއާގެ AK074 ފްލައިޓުން މިއަދު ހެނދުނު 10:15 ގައެވެ.
މާލޭގައި މި ފަހުން ގޭންގު މާރާމާރީތައް އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލަތަކުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދާއި އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް