ނޮޅިވަރަންފަރުން ގެސްޓްހައުސް އިމާރާތްކުރުމަށް 9 ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި
ހދ. ނޮޅިވަރަންފަރުން ގެސްޓްހައުސްތައް އިތުރު ކުރުމަށްޓަކައި 9 ބިން ކުއްޔަށް ދޫކުރުމަށް ނިންމައި، އެ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޮޅިވަރަންފަރު ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ނޮޅިވަރަންފަރުގައި ޓޫރިސްޓް ހޮޓާތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށްވެސް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ.
ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެވޭނީ ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާ ދެމެދު ނޮޅިވަރަންފަރު ކައުންސިލްގެ ރިސެޕްޝަންގެ ސެކްރެޓޭރިއޭޓުން ނުވަތަ އީމެއިލް މެދުވެރިކޮށެވެ. އަދި ބިޑާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ރަށު ކައުންސިލުންނެވެ.
ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ގެސްޓްހައުސްތައް އިމާރާތްކުރުމަށް ބިންތައް ދޫކުރަން ނިންމާފައިވަނީ ކަނޑައަޅާފައިވާ ޓޫރިސްޓް ޒޯނުންނެވެ. މި ގޮތުން ދޫކުރާ ބިންތަކުގެ ތެރޭގައި 14,386.33 އަކަފޫޓުގެ އެއް ބިމާއި، 6,895.69 އަކަފޫޓުގެ ދެ ބިމާއި، 2,065.96 އަކަފޫޓުގެ ތިން ބިމާއި، އަދި 2,170.40 އަކަފޫޓުގެ ތިން ބިން ހިމެނެއެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ ވީޑިއޯ ކޮންފަރެންސިންގ އެޕްލިކޭޝަން ކަމަށްވާ "ވީއައިއޭ" މެދުވެރިކޮށެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމލާފައިވާ ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް