މިފްކޯއިން މިއަދު މަސްވެރިންނަށް 4.5 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިއީ މި މަހުގެ 11 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް 23 މަސްދޯންޏަކުން ކިރުވާފައިވާ މަހަށް ދައްކާ ފައިސާއެވެ.
މިފްކޯއިން މައުލޫމާތު ދެއްވި ގޮތުގައި މި ފައިސާގެ ޖުމްލަ އަދަދަކީ 4،596،429.66 ރުފިޔާއެވެ. އަދި މި ފައިސާ މިއަދު ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ ކާމިޔާބު ކަމާއެކުއެވެ.
މީގެއިތުރުން، މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އޭގެ ތެރޭގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މިހާރު ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައިވެއެވެ.
މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ވިއްކުމުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. އަދި މި ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ކެނޑުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް