ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް މުހިންމު އަދި އެހާމެ ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރިއަލް އެސްޓޭޓް ލޯނާއި، ގެސްޓްހައުސް ލޯނާއި އަދި ވޯކިން ކެޕިޓަލް ލޯނަށެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ، "މިއީ ދިވެހި ވިޔަފާރިތަކަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލުތަކެއް" ކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ލޯނު ހޯދުމަށް ފަސޭހަކޮށްދިނުމަށްޓަކައި ގިނަ ޝަރުތުތަކެއް ލުއިކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރިއަލް އެސްޓޭޓް ލޯނަށް ގެނެވުނު ބަދަލުތައް
ރިއަލް އެސްޓޭޓް ލޯނުގެ އިކުއިޓީ 30 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްފައިވެއެވެ. މީގެއިތުރުން، ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށްވެސް މިހާރު ލޯނަށް ހުށަހެޅޭނެއެވެ.
ގެސްޓްހައުސް އަދި ވޯކިން ކެޕިޓަލް ލޯނުގެ އައު ފުރުސަތުތައް
ގެސްޓްހައުސް ލޯނުގެ ދަށުން، ގެސްޓްހައުސް ރަހުނުގެ ގޮތުގައި ބެހެއްޓޭނެ ގޮތް ހަމަޖައްސައި، ދެ އަހަރަށްވުރެ ގިނަ ދުވަސްވީ ގެސްޓްހައުސްތަކަށް 11 ޕަސެންޓުގެ ރޭޓުން ލޯނު ލިބޭނެއެވެ. އަދި އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ލޯނު ދޫކުރެވޭނެއެވެ. ވޯކިން ކެޕިޓަލް ލޯނުގެ ދަށުން، ވިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނައަށް ލޯނު ނެގޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް