ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުން މަނާކޮށްފައިވާ ވޭޕްގެ އާލާތެއް މީހަކު ގެންގުޅެނިކޮށް ފެނިއްޖެ ނަމަ އެ ތަކެތި އަތުލައި ނައްތައިލުމުގެ ބާރު ފުލުހުންނަށް ދީފިއެވެ. މި ބާރު ފުލުހުންނަށް ލިބުނީ ހެލްތު މިނިސްޓްރީން އެކުލަވާލައި މިއަދު ގެޒެޓް ކުރި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ.
މި ގަވާއިދުގެ ދަށުން، އަތުގައި އޮއްވާ ފެނޭ ވޭޕް އަތުލުމުގެ ބާރުގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރާ ތަނަކުން ވޭޕް ފެނިއްޖެ ނަމަ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދެ އެވެ. މިގޮތުން އަތުލެވޭ ތަކެތި އަނބުރާ ދޫނުކުރެވޭނެ ކަމަށާއި ނައްތާލަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އައު ގަވާއިދުގެ ދަށުން ފުލުހުން އަތުލާ ތަކެއްޗާއި ނައްތާލާ ތަކެތީގެ ތަފްސީލް ރިޕޯޓެއް ކޮންމެ ހަ މަހަކުން އެއްފަހަރު ހެލްތު މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ އެވެ. އަދި ގާނޫނުގައި ބަޔާންކުރާ ޖޫރިމަނާތަކުގެ އިތުރުން، ފުލުހުންނަށް ވޭޕް ހަވާލުކުރަން ކުރާ އަމުރަކާ ދެކޮޅު ހަދާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބިގެންދެ އެވެ.
ވޭޕް މަނާކުރުމަށް ފަހު އެ ތަކެތި ބޭނުންކުރުމާއި، ހިލޭ ބެހުމާއި، ވިއްކުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އުފެއްދުންތައް އެތެރެކޮށްފި ނަމަ 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓަކަށް ނުވަތަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.
މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވިއްކާ ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ 10,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
ހަމައެހެންމެ އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.
މިދިޔަ 15 ޑިސެމްބަރުން ފެށިގެން ވޭޕް މަނާކުރި ފަހުން، ވޭޕް ބޭނުންކޮށްގެން މިހާތަނަށް ޖުމުލަ 130،500ރ. ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މި މަހު ފަސްވަނަ ދުވަހު ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް