ދިވެހިރާއްޖޭގެ އެންޭގެ އެންމެ ބޮޑު ކަރަންޓު އުފައްދާ ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިވެ. މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ސްޓެލްކޯގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީންކުރުމެވެ.
މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެވެ. މި ފަހުމުނާމާގެ މުހިންމުކަން ފާހަގަކުރައްވަމުން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުން ބައެއްފަހަރު ނުރައްކަލުގެ ޙާލަތްތަކަށް ހުށައެޅޭކަމަށެވެ. އެހެންކަމުން، މިފަދަ ހާލަތްތަކަށް ތައްޔާރުވެފައި ތިބި ބަޔަކަށް ސްޓެލްކޯގެ މުވައްޒަފުން ހެދުމަށްޓަކައި ސިވެކާއި ގުޅިގެން ބާއްވާ ތަމްރީންތައް ވަރަށް މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކުރިމަތިލާފައި. އަޅުގަނޑުމެން ބަލައިލިން މި ބޭފުޅުންނަކީ މި ޓްރޭނިންގ ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން މި ހިންގި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމްގައި އެމްއެންޑީއެފް ބޭކަލުން ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން." މިއިން އެނގިގެންދަނީ މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ މުހިންމުކަމާއި އޭގެ ފައިދާތައް ކަމުގައި ދަންނަވަންޖެހެއެވެ.
މީގެކުރިންވެސް ސްޓެލްކޯއިން ވަނީ "ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް"ގެ ދަށުން ސިވެކްގެ އެހީއާއެކު މުވައްޒަފުން ތަމްރީންކޮށްފައެވެ. މިހާތަނަށް 668 މުވައްޒަފުން މި ތަމްރީންތައް ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ތަމްރީންކުރުމަކީ ސްޓެލްކޯގެ އަމާޒެކެވެ.
މި ތަމްރީން ޕްރޮގުރާމްގެ ދަށުން ބޭސިކް ފަސްޓް އެއިޑް، ފަޔަރ އެވެއާނެސް، އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ، ސުވިމިންގް އެންޑް ރެސްކިއުގެ އިތުރުން ލައިފް ކޯޗިންގއާގުޅޭ ތަމްރީންތައް ކުރިއަށްދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މީގެއިތުރުން ފަޔަރ އިވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީތެރިވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަންވެސް މި ފަހުމުނާމާގެ ދަށުން ސިވެކްއިން ފޯރުކޮށްދޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް