މި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު 36 ވަދު ކަނދުފަތި އަޅާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ގޮތުން، ސްޕޯޓްސް ފިޝިންއަށް ޚާއްސަ 36 ވަދު ކަނދުފަތި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ސްޕޯޓްސް ފިޝިން ކަނދުފަތި އެޅުމަށް 80 އަށްވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ސްޕޯޓްސް ފިޝިންއަށް ޚާއްސަ ވިއުގައެއް ގާއިމްކުރުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށާއި، "އަމާޒަކީ އެއް ރަށަށް ވުރެ ގިނަ ރަށްރަށް ބޭނުން ހިފޭނެ ގޮތަކަށް ކަނދުފަތިތައް އެޅުން" ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ފަސޭހަވާނެ ގޮތަށް، ހަ މޭލަށް ވުރެ ދުރަށް ދަތުރުކުރަން ނުޖެހޭ ގޮތަށް މި ވިއުގަ ފަރުމާކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ހަދާ ފެޑް ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިގޮތުން އުތުރުގައި ށ. ފުނަދޫގައި މިހާރުވެސް އެ މަސައްކަތް ފެށިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް