އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ޚާއްސަ ކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމު ކުރުމަށް ނިންމައިފިއެވެ. މިއީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ނިންމުން ނިންމާފައިވަނީ އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލު ވުމުގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމެވެ.
ބައްދަލުވުމުގައި އެޅުމަށް ނިންމި އިތުރު މުހިންމު ފިޔަވަޅެއްގެ ގޮތުން، ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭގޮތަށް ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ.
މި ކޮމިޓީގެ ސަބަބުން ކަމާ ގުޅުން ހުރި އިދާރާތަކަށް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ މަޢުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހި ވެގެން ދާނެ ކަމަށް ބެލެވެއެވެ. އަދި މި ނިޒާމުގެ ސަބަބުން ޑޮކްޓަރުންނަށް ބޭނުންވާ ބޭސްތައް ލިބެންހުރިތޯ ބެލުމަށްފަހު ބޭސް ސިޓީ ލިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް