ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ އަށް މެންބަރުން ހިމެނޭ ވަފުދެއް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް މިއަދު އެ ގައުމަށް ވަނީ ފުރާވަޑައިގެންފައެވެ.
މި ދަތުރަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މަޖިލީހުގެ ސްޕީކަރުންގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރެކެވެ. މިއީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
މި ދަތުރުގައި މަޖިލީހުގެ ރައީސްގެ އިތުރުން ބައިވެރިވެވަޑައިގަންނަވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހާމިދު، ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް، ބާރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އަސްއަދުﷲ ޝިހާބެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. މި ގުޅުމުގެ ތެރެއިން ދެ ގައުމުގެ މަޖިލިސް މެންބަރުން ގަވާއިދުން ދަތުރުތައް ކުރައްވައެވެ. މިގޮތުން މިދިޔަ ސަރުކާރުގެ ދައުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުވެސް ކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް