ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މަސްތުވާތަކެތީގެ ފަރުވާ ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން ހުނަރު ދަސްކޮށްދޭ ކޯސްތައް މިއަދު ވަނީ ފަށައިފައެވެ.
މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފަށާފައިވަނީ 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސެޓްފިކެޓް ލެވެލް 3 ގެ އިލެކްޓްރިޝަން ކޯހެކެވެ. މި ކޯހުގައި އެންޑީއޭގެ 19 ކްލަޔަންޓުން ބައިވެރިވެފައިވާއިރު، ކޯހުގެ މުޤައްރަރުގައި ތިއަރީއާއި ޢަމަލީ ތަޖުރިބާގެ އިތުރުން ވަޒީފާގެ މައިދާނަށް ތައްޔާރުވުމުގެ ބައިތައްވެސް ހިމެނެއެވެ.
އެންޑީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ފަރުވާ ފުރިހަމަކުރާ ފަރާތްތައް އަލުން މަސްތުވާތަކެއްޗަށް ދިއުމުގެ ފުރުޞަތު ކުޑަކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން ކުރިއަރުވައި ދިނުމެވެ. މި ޕްރޮގްރާމަކީ ފަރުވާ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވަޒީފާ ހޯދައި، މުޖުތަމަޢުގެ އިތުބާރު ހޯދައި، ދިރިއުޅުމުގައި ކުރިއަށްދިއުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމުގައި ބައިވެރިން ފާހަގަކުރެއެވެ.
މީގެއިތުރުން، ދާޚިލީ ވުޒާރާއިން ވަނީ ހިންމަފުށީގައި ހުންނަ އެންޑީއޭގެ ރިހެބިލިޓޭޝަން ސެންޓަރުގައި ޕޮލިޓެކްނިކްގެ ބްރާންޗެއް ޤާއިމްކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށާއި، އިތުރު ދާއިރާތަކުން ކޯސްތައް ހިންގުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ހާމަކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް