އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަމީރެވެ.
މި އިސްލާހުގެ ދަށުން، އިތުރު ވަޒީފާއަކުން ރޯދަ އެލަވަންސް ނުލިބޭ ޑަބްލިއުޑީސީ މެންބަރުންނަށް ރަމަޟާން މަހު ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހޭނެއެވެ. "މި އަހަރުގެ ރޯދަ މަހުން ފެށިގެން ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭ ގޮތަށް ހަމަޖައްސާނެ" ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
މި އިސްލާހުގައި ހަމައެކަނި ރޯދަ އެލަވަންސްގެ ކަންތައް އެކަނި ނޫން ހިމެނެނީއެވެ. އޭގެ އިތުރުން، ޑަބްލިއުޑީސީ މެންބަރުންގެ މަހު އުޖޫރަ ކަނޑައެޅުމުގެ ބާރު ޕޭ ކޮމިޝަނަށް ދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ. މިހާރު އޮންނަ ގޮތުން އުޖޫރަ ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީންނެވެ. މި ބަދަލު ގެނައުމުގެ މަޤްސަދަކީ މެންބަރުންނަށް ބޭންކުތަކުން ލޯނު ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމެވެ.
އަދި މި އިސްލާހުގައި، ކައުންސިލްތަކަށް ލިބޭ ހިލޭ އެހީގެ ފައިސާގެ މަދުވެގެން 5 ޕަސެންޓް އަންހެނުންގެ ކޮމިޓީތަކަށް ދޭންޖެހޭނެ ކަމަށާއި، އެ ފައިސާ ކައުންސިލްތަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީތަކާ ހަވާލުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވުނު މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް