އަންނަ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ތައްޔާރުވަމުން އަންނަކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝިމާދު ވިދާޅުވި ގޮތުގައި، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނިޓަރ ކުރަމުން ގެންދާ ކަމަށާއި، އެސްޓީއޯއިން ގެންނަ މުދާތަކުގެ ތެރެއިން ލުނބޯގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ލިބިފައެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ކާބޯތަކެތީގެ އިތުރުން، ޑިމާންޑު ބޮޑުވާ ބައެއް ކާބޯތަކެތި ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހޭނެއެވެ. މިއަހަރުގެ ރަމަޟާން މަހަށް އެތެރެކުރުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި އަސާސީ ކާބޯތަކެއްޗާއި، ތަރުކާރީ، މޭވާ، ޕްރޮސެސްޑް ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެއްޗަށް އޮންނަ ޑިމާންޑު ބޮޑުވާތީ، ބާޒާރުގައި މުދާ ލިބޭނެކަމުގެ ޔަޤީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން ދުރާލާ ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވަނީ "މިދިޔަ އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް ރަމަޟާން މަހުވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަކަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ" ކަމަށް ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް