ހުޅުމާލޭގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ތިން ކެފޭ/ޓޭކްއަވޭ އެއް ބަލައި ފާސްކޮށް، ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކުފޯހުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން އެއް ތަނުން ސައްހަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.
މި ސަރުކާރު ހަވާލުވި ފަހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރުގަދަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގެ ދަށުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން އިއުލާންކުރެއްވި ގޮތުގައި، ހާއްސަކޮށް ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީންނާއި މަސްތުވާތަކެތީގައި އުޅޭ ބިދޭސީން 24 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރެވޭނެއެވެ. މިކަން ރައީސް ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރައްވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް