ސަޢުދީ ޢަރަބިއްޔާގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ގޮވާލައި، ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަ ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، "ސަޢުދީ ޢަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ގޮތަށް ދައްކާ އެއްވެސް ވާހަކައެއް ބަލައި ނުގަންނާނެ" ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރުތަކާ މުޅިން ޚިލާފު ވާހަކަތަކެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، 1967 ގެ ބޯޑަރުތަކަށް ތަބާވުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ވަނީ ތަކުރާރުކޮށްފައެވެ. އަދި މިފަދަ ނަފްރަތުގެ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ތެދުވުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ.
ނަތަންޔާހޫ މި ވާހަކަތައް ދެއްކެވީ ޔަހޫދީންގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައެވެ. އިންޓަވިއު ކުރިއަށްދަނިކޮށް، އޭނާއަށް އަނގައޮޅި ފަލަސްޠީނުގެ ދައުލަތޭ ބުނަން އުޅުމުގެ ތެރޭގައި ބުނެވުނީ ސަޢުދީ ދައުލަތެވެ. މި މައްސަލައިގައި ޢަރަބި އިސްލާމީ ޔަހޫދީ ބޮޑުވަޒީރުގެ ވާހަކަތައް ކުށްވެރިކޮށްފައިވާއިރު، ސަޢުދީ ޢަރަބިއްޔާއިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ބަސްމަގަކީ ޢަރަބިން އިސްވެ މި ސަރަހައްދުގައި ސުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ޔަހޫދީން ހުރަސްއެޅުމަށް ކުރަމުންދާ ކަންކަން ދައްކުވައިދޭ ވާހަކަތަކެއް ކަމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް