މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޙަސަން ޝަކީލްގެ އަވަހާރަވުމަކީ ޤައުމުގެ މެރިން ރިސާރޗް ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްޕޯސްޓެއްގައި ތަޢުޒިޔާ ވިދާޅުވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، އުމުރުން 64 އަހަރުގައި އަވަހާރަވި ޝަކީލަކީ މެރިން ރިސާރޗް އިންސްޓިޓިއުޓަށް އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅާއެވެ. އަދި ޝަކީލުގެ ވަކިވުމަކީ އެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.
1983 ވަނަ އަހަރު މެރިން ބަޔޮލޮޖިސްޓް ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ޝަކީލް، ރަޝިޔާއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށްފަހު، ކަނޑުތަކުގެ ދިރުން އާލާކުރުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެ ތެރޭގައި ގާހަކަ، މޫދުވިނަ، އިތާމުތް، މާގަނޑުމަސް އަދި ފާނަ ވިއްސުމުގެ މަސައްކަތް ހިމެނެއެވެ.
41 އަހަރުގެ ދިގު މުއްދަތެއްގައި ކުރެއްވި ޚިދުމަތުގައި، ޝަކީލަކީ ގިނަ މުވައްޒަފުންތަކެއް މެންޓަރ ކުރައްވައި، މެރިން ސައިންސްގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާގެ މަސައްކަތްތަކުގެ ތެރޭގައި އާންމުންނަށް އަމާޒުކޮށްގެން ގިނަ އާޓިކަލްތަކެއް ޝާއިޢުކުރެއްވުމާއި، ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގެވުން ހިމެނެއެވެ.
ޝަކީލްގެ އަގުހުރި ޚިދުމަތްތަކަށް ބަލައި، 1999 ވަނަ އަހަރު މަސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގަތެވެ. އޭނާގެ ވަކިވުމަކީ ދިވެހިރާއްޖޭގެ މެރިން ރިސާރޗް ދާއިރާއަށް ލިބުނު ނުހަނު ބޮޑު ގެއްލުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް