ހުޅުމާލޭގައި ކޯރާޑިއަކުން މީހަކަށް ހަމަލާދިނުމަށްފަހު ފިލަން އުޅުނު ދެ މީހަކު ހައިވޭއިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ 11:35 ހާއިރު ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅުގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދިނުމުންނެވެ. މި މާރާމާރީގައި އަނިޔާވި ފަރާތަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހިމް (25 އަހަރު) އާއި ބ. ގޮއިދޫ، ސްޓަރ، އަބްދުﷲ ޒާހިދު (18 އަހަރު) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގުމަށްފަހު ހައިވޭއިން މާލެއަށް ފިލަން އުޅެނިކޮށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، އެ ދެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ކޯރާޑިއާއި ވަޅިއެއްވެސް ފެނިފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް