ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ވާޑަރ ބްރޭމަން އާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގައި ހެރީ ކޭން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި 75،000 މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން މިއުނިކް އިން ވަނީ މެޗުގެ 75 އިންސައްތަ ޑޮމިނޭޓް ކޮށްފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.
މެޗުގެ ދެވަނަ ހާފުގެ 56 ވަނަ މިނިޓުގައި ބަޔާން މިއުނިކް އިން ލީޑު ނެގީ ހެރީ ކޭން ޕެނަލްޓީއަކުން ޖެހި ލަނޑުންނެވެ. މި ޕެނަލްޓީ ލިބުނީ ކޭން ގޯލަށް ފޮނުވާލި ބޯޅައެއް ބްރޭމަންގެ ޑިފެންޑަރ އެންތޮނީ ޖުންގުގެ އަތުގައި ޖެހުމުންނެވެ. މެޗުގެ 82 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލެރޯއި ސާނޭ އިން ދެވަނަ ލަނޑު ޖަހާލިއެވެ.
މެޗުގެ އިތުރު ވަގުތުގައި ބްރޭމަންގެ ޖުންގް މުސިއާލާ އަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން އިން އޭނާގެ ދެވަނަ އަދި މެޗުގެ ތިންވަނަ ލަނޑު ޖަހާލިއެވެ. މި ދެ ލަނޑާއެކު ކޭން މި ސީޒަނުގައި ބުންޑެސްލީގާގައި ޖަހާފައިވާ ލަނޑުގެ އަދަދު ވަނީ 21 އަށް އަރާފައެވެ.
މި މޮޅުވުމާއެކު ބަޔާން މިއުނިކް ވަނީ 21 މެޗުން 54 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. ދެވަނައިގައިވާ ބެޔާ ލެވަކޫސަން އަށް 20 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. މި މެޗުން ބަލިވި ވާޑަރ ބްރޭމަން އޮތީ 21 މެޗުން ލިބުނު 30 ޕޮއިންޓާއެކު 8 ވަނައިގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް