އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ލެސްޓަރ ސިޓީއާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ފަސްވަނަ ބުރަށް ޖާގަ ހޯދައިފިއެވެ.
73,000 އަށް ވުރެ ގިނަ ސަޕޯޓަރުން ބަލަން ތިބި މި މެޗުގައި، މެންޗެސްޓަރޔުނައިޓެޑްގެ އަލަށް ގުޅުނު ކުޅުންތެރިޔާ ޕެޓްރިކް ޑޯގޫ ވަނީ ފުރަތަމަ އެލެވަނުގައި ކުޅެފައެވެ. ޔުނައިޓެޑްގެ ކުރީގެ ކޯޗު ވެން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ލެސްޓަރ ސިޓީއަށް ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބޮބީ ޑެކޯޑޯވާ ރެއިޑް ވަނީ ލަނޑެއް ޖަހައި ކުރިއަރައިގެން ގޮސްފައެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ގެނައި ބަދަލާ އެކު، ޑޯގޫގެ ބަދަލުގައި އަލެހަންދްރޯ ގަރްނާޗޯ ކުޅެން އެރުމާއެކު އެޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަވެގެން ދިޔައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ގަރްނާޗޯ ނަގައިދިން ހުރަހަކުން ޖޯޝުއާ ޒިރްކްޒީ ޖެހި ލަނޑާއެކު ވަނީ އެއްވަރުވެފައެވެ.
މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ވަނީ ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހިލޭ ޖެހުމަކުން ބޮލުން ޖަހައި ވެއްދި ގޯލާއެކު ނަތީޖާ ބަދަލުކޮށް މެޗު ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ލެސްޓަރ ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން މައްސަލަ ޖެއްސި ނަމަވެސް، މެޗުގެ ރެފްރީ ވަނީ ވީޑިއޯ އަސިސްޓަންޓް ރެފްރީ (ވީއޭއާރު) ނުބަލައި ލަނޑު ގަބޫލުކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ އެފްއޭ ކަޕްގެ ހަތަރުވަނަ ބުރާ ހަމައަށް މެޗުތަކުގައި ވީއޭއާރު ބޭނުން ނުކުރާކަމެވެ. މި މޮޅުވުމާއެކު މެންޗެސްޓަރ ޔުނައިޓެޑް ވަނީ މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް