މިލަދޫގައި ވޯޓު ކަރުދާސް ހިފައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް ފާހަގަ ކުރެވިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތަކުގައި ނ. ލަންދޫގައި ވޯޓު ކަރުދާސް ހިފައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު 8:00 ގައި ފެށުނު ބައި-އިލެކްޝަންގެ ވޯޓުލުމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައި ނުވެއެވެ. ނަމަވެސް، މިހާތަނަށް ފާހަގަކުރެވިފައިވަނީ ވޯޓަރސް ލިސްޓުގައި ނަން ނެތުމުގެ މައްސަލަތަކަކާއި މިލަދޫގައި ވޯޓު ކަރުދާސް ހިފައިގެން ނުކުންނަން އުޅުނު މައްސަލައެވެ.
"ވޯޓުލާން ވަޑައިގެންނެވި ބޭފުޅަކު ކަރުދާސް ޖީބަށް ލައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް. އެކަން އަޅުގަނޑުމެން މިހާރު ޕޮލިހާ ގުޅިގެން ތަހުގީގީ މަރުހަލާގައި އެބަ ކުރިއަށްގެންދަން. އެއީ ކަނޑައެޅިގެން ޤާނޫނީ ގޮތުން ކުށެއް. އެހެންވީމަ އެ މައްސަލަ ބަލާފައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ވޯޓަރސް ލިސްޓުގައި ނަން ނެތުމުގެ މައްސަލަތައް ހުށަހެޅުމުން، އެ މައްސަލަތައް ބަލައި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާ ކަމަށް ހަސަން ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ހުރިހާ ރަށެއްގައި ވެސް ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއެކު ކަމަށާއި، މިއަދު ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ވެސް އެހެން ބައި-އިލެކްޝަންތަކަށްވުރެ ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.
މިއަދުގެ ބައި-އިލެކްޝަންގައި 2 ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލުން ނިމޭނީ ހަވީރު 4:00 ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް