ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މި އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިން ހުޅުވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވުނު ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު މި ވާހަކަ ވިދާޅުވި އެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. މިގޮތުން، ވީއައިއޭގެ އިތުރުން މި އަހަރު ތެރޭގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ގަން އެއާޕޯޓުގެ މަސައްކަތް ނިންމައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެތެރޭގެ ދަތުރުތައް ކުރާ އެއާޕޯޓުތަކުގެ ތެރެއިން މ. މުލީ އެއާޕޯޓު އޭޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އިތުރު 14 ރަށެއްގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އަހަރުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން، ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް މި އަހަރު މަސައްކަތް ފަށާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް އޮކްޓޯބަރުގެ ކުރިން ހުޅުވުމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، މީގެ ކުރިން ސަރުކާރުން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ޓޫރިޒަމް ސީޒަން ފެށޭއިރަށް ޓާމިނަލުން ބައެއް ހުޅުވުމަށެވެ. ނަމަވެސް އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ)ގެ ލަފާގެ މަތިން ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމުމަށް ފަހު ހުޅުވަން ނިންމާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހަނިމާދޫ އަދި އައްޑޫ އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް