ޕޭހަމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ. މިކަން އެމަނިކުފާނު އިޢުލާނުކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ސަރުކާރުން މިއަހަރުގެ ބަޖެޓުގައި ޕޭހަމަނައިޒޭޝަންއަށް 500 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މި މަސައްކަތުގެ ތެރެއިން ޖުޑީޝަރީއާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ކަމަށް ކުރިން ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
"އަޅުގަނޑު ވަޢުދުވެފައިވާ ފަދައިން ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެންނަން ޖެހޭނެކަމަށްވެސް ޤަބޫލްކުރަން. އިރާދަކުރެއްވިއްޔާ މިއަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސަރވިސް މުވައްޒަފުންނާ ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒްކުރެވި ބޮޑުކުރާނެ," ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މިގޮތުން ކައުންސިލްތަކަށް އެކަށޭނަ މާހައުލެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށް އެމަނިކުފާނު ވަނީ މިހާތަނަށް އެންމެ ކައުންސިލެއް ފިޔަވައި ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާފައެވެ.
"މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެށްޓެއް ޤާއިމުކޮށްދީ، ކައުންސިލްތަކަށް ދޭން ޖެހޭ ފުރިހަމަ އިހްތިރާމާއި ޤަދަރުދީ އެ އަޚްލާޤު އުފެއްދުމަކީ އަޅުގަނޑު ޤަބޫލްކުރާ އުޞޫލު. މި ސަބަބަށްޓަކައި 55 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢު ވަނީ ކޮންޓްރެކްޓްކޮށްފައި. ހަމަ އެހެންމެ ޗައިނާގެ ހިލޭ އެހީގައި ގާއިމުކުރާ އިތުރު 50 ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫޢު ހިންގުމަށް މިދަނީ ތައްޔާރުވަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް