ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާންކޮށް، މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ތަނެއް އޭގެ ހައްގުވެރިންނާ ހަވާލު ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މި ވާހަކަ ވިދާޅުވީ މ ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. އެ މަނިކުފާނު ވިދާޅުވީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ކުރިއަށް ގެންދާ 4،000 ފްލެޓް ނިންމުމާއި އެ ތަންތަން ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅިގެން އޭސީސީންގެ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައިވާ "ވަރަށް ހައްސާސީ މައްސަލައެއް" ކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މަކަރާއި ހީލަތުން ފްލެޓް ހޯދުމަށް މަސައްކަތް ކުރި މީހުން އެ މަނިކުފާނު ވިދާޅުވާ ލިސްޓުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. "ނުގައިދުން، ދޮގު ހަދައިގެން މަކަރު ހަދައިގެން، ފޯޖު ކޮށްގެން މީހަކު ފްލެޓެއް، ގޯއްޗެއް ހޯދާފައި އޮތިއްޔާ އެ މީހަކު އަތުން ކެންސަލް ވާނެ،" ރައީސް ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުން، މި ސަރުކާރުން ނިންމާފައި ވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމް އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން އިއުލާން ކުރި 4،000 މީހުންގެ ފްލެޓް ލިސްޓު ވެރިފައި ކުރުމަށެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ ލިސްޓް ވެރިފައި ކުރާއިރު، ކުރީގެ ސަރުކާރުން ކަނޑައެޅި އުސޫލުތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް