ރިޔާސީބަޔާން އިއްވުމަށް ބާއްވާ މަޖިލިސް، މިހާރު ފަށައިފިއެވެ.
ޖަލްސާ ފަށައިގެން ކުރިއަށްދާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސްއެޅުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ 8 މެންބަރެއްގެ ނަން މަޖިލީހުގެ ރައީސް މުހައްމަދު އަބްދުއްރަހީމް ވަނީ އިއްވަވާފައެވެ.
ޖަލްސާ ފެށުމާއެކު ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން، އެމްޑީޕީގެ މެންބަރުން ވަނީ ޕޯޑިއަމް ކައިރިއަށް ވަޑައިގެން އަޑުގަދަކުރައްވަން ފައްޓަވާފައެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް ވަނީ ތިން ފަހަރެއްގެ މަތިން ނަސޭހަތްތެރިވެ ވަޑައިގަތުމަށްފަހު މެންބަރުންގެ ނަން އިއްވަވާފައެވެ.
ނަން އިއްވުމަށްފަހުވެސް މެންބަރުން މަޖިލީހުގެ ތަޅުމުން ނުކުތުމަށް އިންކާރުކުރެއްވުމާ ގުޅިގެން ޖަލްސާ މެދުކަނޑާލަން ޖެހުނެވެ. މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ ނަން އިއްވުނު މެންބަރުން ތަޅުމުން ނުކުތުމުން ޖަލްސާ އަލުން ފަށާނެ ކަމަށެވެ.
މި ވަގުތު މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށް ނަން އިއްވުނު މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މަޖިލީހުގެ އިދާރާ ކައިރީގައިވާ ސޯސަން މަގުގައި އެމްޑީޕީގެ ސަޕޯޓަރުން ދަނީ މުޒާހަރާކުރަމުންނެވެ.
ނަން އިއްވުނު މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށްފަހު، ރައީސް މުއިއްޒު ވަނީ ރިޔާސީ ބަޔާން އިއްވެވުން އަލުން ފައްޓަވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް