ދުނިޔޭގެ ކުރީގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަދި ދެ ފަހަރެއްގެ މަތިން ގްރޭންޑް ސްލޭމް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ރޫމޭނިއާގެ ސިމޯނާ ހަލެޕް، އޭނާގެ ޕްރޮފެޝަނަލް ކެރިއަރ ނިންމާލައި ރިޓަޔަރކޮށްފިއެވެ.
އުމުރުން 33 އަހަރުގެ ހަލެޕް ރިޓަޔަރކުރި ކަން އިއުލާންކޮށްފައިވަނީ ޓްރާންސިލްވޭނިއާ އޯޕަން މުބާރާތުގައި ލުސިއާ ބްރޮންޒެއްޓީ އާ ކުޅުނު މެޗުން 6-1 އަދި 6-1 އިން ބަލިވުމަށްފަހު، ކޯޓުގައި ހުރެގެންނެވެ. މި ނިންމުން ނިންމަން މެދުވެރިވި މައިގަނޑު ސަބަބަކީ އޭނާގެ ކަކުލަށް ދާދި ފަހުން ލިބުނު އަނިޔާއެކެވެ.
މި އަނިޔާގެ ސަބަބުން މިދިޔަ މަހު ބޭއްވުނު އޮސްޓްރޭލިއަން އޯޕަންގެ ކޮލިފައިންގ ރައުންޑްގައިވެސް ހަލެޕްއަށް ވާދަނުކުރެވުނެވެ. ކޯޓުގައި ހުރެ ރިޓަޔަރކުރާ ކަން އިއުލާންކުރަމުން ހަލެޕް ވަނީ މިއީ އޭނާ އަމިއްލައަށް ނިންމި ނިންމުމެއްކަން ފާހަގަކޮށްފައެވެ.
"ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމާއި، ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް އުފާވެރި ކާމިޔާބީތަކެއް. ޓެނިސް ނޫނަސް އެހެން ކަންކަންވެސް ހުންނާނެ،" ހަލެޕް ބުންޏެވެ.
ނަމަވެސް ހަލެޕް ވަނީ ރިޓަޔަރކުރި ނަމަވެސް ޓެނިސްއާ މުޅިން ދުރުނުވާނެކަން ހާމަކޮށްފައެވެ. އޭނާ ބުނިގޮތުގައި އާދެވުނު ވަރަކުން ޓެނިސް ކޯޓަށް އައިސް ކުޅޭނެއެވެ. އެހެންނަމަވެސް މުބާރާތްތަކުގައި ވާދަކުރުމަކީ މިވަގުތު އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް